Wednesday, October 23, 2013

...ރަށު ކައުންސިލްގެ ރައީސްކަން ލިބިއްޖެ ނަމަ

     މަޤާމަކީ އެމީހެއްގެ ދަރަޖަ އަންގައިދޭ އެއްޗެކެވެ. އެކި މީހުންގެ ދަރަޖަ ބަޔާން ކުރާ އެކިއެކި މަޤާމްތައް ހުރެއެވެ. އެއިން ކޮންމެ މީހަކުވެސް އެ މަޤާމެއްގައި ކުރަންޖެހޭ ކަންތައްތައް ކުރެއެވެ. ހަމަ މި ބީދައިން އަޅުގަނޑަށްވެސް މިފަދަ މަޤާމެއް ލިބިއްޖެ ކަމުގައި ވާނަމަ ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ދެމި ހުންނާނަމެވެ. އެގޮތުން އަޅުގަނޑަށް ރަށު ކައުންސިލްގެ ރައީސްކަން ލިބިއްޖެނަމަ، ކޮންމެ މަހަކު ދަރުސް ދިނުމަށް ޝައިޚުން ގެނައުމާއި ރަށުގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ރޭވުމާއި ސްކޫލަށް ބޭނުންވާނޭ ތަކެއްޗާއި ޚިދުމަތްތައް ހޯދައި ދިނުމަށް މަސައްކަތް ކުރުމާއި ކޮންމެ ރަމަޟާންމަހަކު މިސްކިތައް ޒީނަތްތެރިކުރުމަށް ބޭނުންވާނޭ ތަކެތި ހޯދައި ދިނުމުގެ އިތުރުން ރަށުގެ މަސްވެރިންނަށް ލިބިދޭބްޖެހޭ އިނާޔަތްތައް ހޯދައި ދިނުމަށް މަސައްކަތް ކުރާނަމެވެ.   
     ރަށުގެ ރައްޔިތުން އިސްލާމްދީނަށް ލޯބިޖެއްސުމަށްޓަކައި ކޮންމެ މަހަކު ދަރުސް ދިނުމަށް ޝައިޚަކު ގެންނާނަމެވެ. ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންނަށް އިސްލާމްދީނާ ބެހޭ މަޢުލޫމަތު ދިނުމަށް ޝައިޚުން
ގެނައުމާއެކު، ރައްޔިތުންގެ ހިތް ތަކުގައި އުފެދޭ ދީނީ ސުވާލުތަކަށް ޖަވާބު ދިނިމުގެ އިތުރުން އެބޭފުޅުންގެ ޝުޢޫރުތައް ހުށަހެޅުމުގެ ޕްރޮގުރާމްތައް ކުރިޔަށް ގެންދާނަމެވެ. އެގޮތުން ސްކޫލު ދަރިވަރުންނަށާއި ޒުވާން ބޭފުޅުންނަށާއި ބެލެނިވެރިންނަށް ޚާއްޝަ ކޮށްގެން ދަރުސް ދިނުމުގެ ޙަރަކާތްތައް އޮންނާނެއެވެ. އެހެންކަމުން، ކޮންމެ ބޭފުޅެއްގެވެސް ހިތުގައި އުފެދޭ ދީނީ ސުވާލުތަކަށް ރައްދު ލިބި އެބޭފުޅުންގެ ޢަމަލުތައް ދީނާ އެއްގޮތައް ބައްޓަށްވުމުގެ ސަބަބުން ޢަމާން ސާފު މުޖުތަމަޢެއް ބިނާވާނެއެވެ.
      ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތައް އެކުލަވައިލުމުގެ ސަބަބުން ރަށުގެ ޙާލަތު ދެނެގަތުމަށް ފަސޭޙަ ވާނެއެވެ. އެގޮތުން ރަށުގައި ކުޅޭ ދަނޑުތައް އިތުރު ކުރުމާއި ރަށަށް އަރާ ސަފަރަވެރިންގެ ހިޔާއެއް ޤާއިމު ކުރުމަށް މަސައްކަތްކުރުމާއި ކުލަބު ތަކުން ހިންގާ ޕްރޮގުރާމު ތަކަށް އެހީވެދިނުމުގެ އިތުރުން ޙާއްޞަ ދުވަސްތައް ފާހަގަކުރުމަށް މަސައްކަތް ކުރާނަމެވެ. އެހެންކަމުން ރަށުގެ ރައްޔިތުން ކަންކަމުގައި އިސްނަގައި މިންވަރު އިތުރުވެ ކަންކަން ކުރުމަށް ޝަޢުޤުވެރިވާނެއެވެ. ކޮމެޓީތައް ގޭގެއަށް ޒިޔާރަތް ކޮށް ދިމަވާ ދަތިތައް ހޯދައި އެކަންތައްތައް ޙައްލު ކުރުމަށް މަސައްކަތް ކުރާނަމެވެ. ނަތިޖާއަކަށް ވާނީ، ރަށް ތަރައްޤީވެ ކުރިއަރާފައި ވުމެވެ.
     ދަރިވަރުން ސްކޫލުގައި ރަނގަޅު ތަޢުލީމަކައިގެން ކުރިޔަށް ދިއުމުގެ މަގު އިންތިޒާމް ކުރާނަމެވެ. އެގޮތުން ސްކޫލުގެ ކުލާސް ތަކަށާއި ލެބޯޓަރީ އަށާއި އެހެނިހެން ތަންތަނަށް ބޭނުންވާނޭ ތަކެތި ހޯދައި ދޭނަމެވެ. އަދި ހަމަ އެހެންމެ ސްކޫލުން ދަރިވަރުންނަށްދޭ ޚިދުމަތްތައް ހޯދައި ދިނުމަށް މަސައްކަތްކުރާނަމެވެ. ކޮމްޕިޔުޓަރ ލެބްގެ ޚިދުމަތާއި އޭވީ ރޫމް އާއި ސައިންސް ލެބްގެ ޚިދުމަތްތައް ފަސޭޙަ ކަމާއެކު ބޭނުންކުރެވޭނެ ގޮތުގެ އިންތިޒާމް ހަމަޖައްސާދޭނަމެވެ. އަދި މާއްދާތައް ކިޔަވައި ދެވޭނެ ފެންވަރުގެ ރަނގަޅު ޓިޗަރުން ގެނައުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރާނަމެވެ. މިކަމުގެ ސަބަބު ތަކުން ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމު ލިބޭނެއެވެ.
     އަޅުގަނޑުމެންނާ ކޮންމެ އަހަރަކު ކުރިމަތިވާ ބަރަކާތްތެރި ރަމަޟާންމަހުގައި މިސްކިއްތައް ޒީނަތްތެރި ކުރުމަށް ބޭނުންވާނޭ ތަކެތި ހޯދައި ދިނުމުގެ އިތުރުން ޙިފްޒުކޮށް ތަރާވީޙް ނަމާދު ކުރުމަށްޓަކައި ޙާފިޒް އިމާމުން ގެނައުމުގެ އިމްތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރާނަމެވެ. އެގޮތުން މިސްކިއްތައް ޒީނަތްތެރި ކުރުމަށް ބޭނުންވާނޭ ކުލައާއި ބޮތްކާއި މުށްޓާއި އަދި އެހެނިހެން ސާމަނު ހޯދައި ދޭނަމެވެ. އަދި ޙާފިޒް އިމާމުން ގެނައުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ކޮށްދިނުމުގެ އިތުރުން އެމީހުން ހުރުމާއި ކެއުމުގެ ޚަރަދުތައް ހަމަޖައްސާ ދޭނަމެވެ.
     ރަށުގެ މަސްވެރިންނަށް ލިބިދޭންޖެހޭ އިނާޔަތްތައް ލިބިދިނުމަށް މަސައްކަތްކުރާނަމެވެ. އެގޮތުން މަސްވެރިންނަށް ލިބެންޖެހޭ އައިސް ލިބޭނެގޮތް ހަމަޖައްސާ ދިނުމާއި ފަސޭޙަ ކަމާއިއެކު ތެޔޮލިބޭނެ ތެޔޮ ފިހާރައެއް ޤާޢިމުކޮށްދިނުމާއި މަސްކަނޑަތައް ބޮޑުކޮށް މަސްމާރު ކޭޓުތައް އަޅާދިނުމަށް މަސައްކަތް ކޮށްދޭނަމެވެ. އެހެންކަމުން ރަށުގެ މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ވަރަށް ފައިދާ ކުރާނެއެވެ. މަސްމާރު ކޭޓު ތަކުގައި މަސްކެޑޭނެ ފަސޭޙަ ނިޒާމުތައް ޤާއިމުކޮށް، ސާފު ރީތި ފެން ލިބުމުގެ އިންތިޒާމްތައް ކުރިޔަށް ގެންގޮސް ދޭނަމެވެ.
    އަޅުގަނޑަށް ރަށު ކައުންސިލްގެ ރައީސްކަން ލިބިއްޖެނަމަ، ކޮންމެ މަހަކު ދަރުސް ދިނުމަށް ޝައިޚުން ގެނައުމާއި ރަށު ގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ރޭވުމާއި ސްކޫލަށް ބޭނުންވާނޭ ތަކެއްޗާއި ޚިދުމަތްތައް ހޯދައި ދިނުމަށް މަސައްކަތް ކުރުމާއި ކޮންމެ ރަމަޟާންމަހަކު މިސްކިއްތައް ޒީނަތްތެރިކުރުމަށް ބޭނުންވާނޭ ތަކެތި ހޯދައި ދިނުމުގެ އިތުރުން ރަށުގެ މަސްވެރިންނަށް ލިބެންޖެހޭ އިނާޔަތްތައް ހޯދައި ދިނުމަށް މަސައްކަތް ކުރާނަމެވެ. އެހެންކަމުން ރަށުގެ ރައްޔިތުންނަށް ލިބެންވާ ކަންތައްތައް ލިބި އެކަމުން ފައިދާ އާއި މަންފާ ކުރާނެއެވެ. 

No comments:

Post a Comment